‏ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެއް ކަމަށާއި އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމައެވެ. އަދި ސަރުކާރުން ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަޑައެޅިފައިވާ ފީ ނެގުމަށްފަހުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފުވާހަކައެއް ކަމަށާއި ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކާ، ބަދަލުކޮށް، ވާރުތާ މުދާތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

‏އަދި ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާއާއި ޢާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއްވެސް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫންގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއިދާރާއިން ކުރާކަމެއް ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ޤާނުނުގެ ދަށުން އެއިދާރާއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

‏ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއް ކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، ދިވެހި ދައުލަތް ތަނަވަސްވެ ތަރައްޤީ ވަމުން ދިއުމަކީ އިސްތިޤުލާލު ވަރުގަދަވެ، އެހެން ޤައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިއްމުކަމެއް ކަމަށެވެ. ދިވެހި ދައުލަތް މުއްސަދިވުމަކީ ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއްނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މުއްތަލިބް ވިދާޅުވީ ‏ރާއްޖެއަށް ބޭނުންވަނީ ޖީލުތަކަށް ދެމިގެންދާ ތަރައްޤީގެ މިފަދަ މަޝްރޫއުތައް ކަމަށާއި ކުރު މުއްދަތުގެ މަންފާއެއް ނޫނެވެ.