ފަތާ ޓްރެކް ކައިރީ ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި 150،000 ރުފިޔާ ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ެމި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ވަނީ ހަވާލުކޮށްފައި ކަމަށާއި އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައި ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.