އެޗްޑީސީން ގާއިމުކުރުމަށް ހަމަޖެހިފައިވާ، އައުޓްޑޯ ޖިމްތަކުގެ ތެރެއިން، އަތޮޅުތެރޭގެ 7 ރަށެއްގެ ޖިމް ގާއިމުކޮށް ނިންމާލައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ، ރިޔާސީ ވައުދުފުޅެކެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކުންފުނިން މިހާރު 7 ރަށެއްގެ ޖިމްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، މަސައްކަތް ކުރަނީ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމާލުމަށް ކަމަށެވެ.

ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ގާއިމުކުރާ މި ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކުއިޕްމަންޓްތަކެވެ.

ޖިމް ގާއިމުކޮށް ނިމުނު ހަތް ރަށުގެ ތެރޭގައި ހިމެނެނީ، އއ. ފެރިދޫ، އއ. އުކުޅަސް، އދ. ދިގުރަށް، އދ. ފެންފުށި، އދ. މާމިގިލި، އދ. މަންދޫ، އަދި ބ. ގޮއިދޫ އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖްތަމައުއަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް މުސްތަގުބަލުގައި ކުރިއަށްގެންދިއުން ކަމަށެވެ.

އެ ކުންފުނިން މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފައެވެ.