ސިނަމާލޭ ބްރިޖު ހުރަސްކޮށް ހިނގާފައި ހުޅުލެ އާއި ހުޅުމާލެ ދިއުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީ އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
ފުލުހުން ބުނީ 30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ އެ ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.