މިހާރު އޮތް މަހާޖައްރާފާއަށް ވުރެ ތިން ގުނަ ބޮޑު އުޅަނދެއް މި އަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން ގެނެސްދޭ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ކުރަން ނިންމި ތަރައްގީގެ މަޝްރޫއުތަކަށް އަމަލީ ސިފަ ނައިސް މަޑުޖެހުމަށް ދިމާވި އެންމެ ބޮޑު ދައްޗަކީ މެދުއިރުމަތީގެ ހަނގުރާމަ ފެށުން ކަމަށެވެ.

ރައީސް ވިދާޅުވީ އެ ހުރިހާ ދަތިތަކާއެކު ވެސް މިހާރު އަރައިގަނެވޭ ހިސާބަށް އާދެވިފައިވާކަމަށާއި މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ބޮޑެތި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ.

އެމްޓީސީސީއަކީ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި އެ ކުންފުންޏަށް އައު މަހާޖައްރާފާއެއް ހޯދައިދޭން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެ މަހާޖައްރާފަކީ މިހާރު އެ ކުންފުނީގައި ބޭނުންކުރާ މަހާޖައްރާފަށް ވުރެ 3 ގުނަ ބޮޑު ހޮޕާ ޑްރެޖާއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އުއްމީދު ކުރެވެނީ މި އަހަރު ނިމުމުގެ ކުރިން އެ މަހާޖައްރާފު ރާއްޖެއަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޓީސީސީއަށް ޑޮލަރު ލިބޭނެ ގޮތްތައް ބޭނުންވާ ކަމަށާއި މާ ލަސްތަކެއް ނުވެ އެ ކުންފުނީގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ އާއި ބޭރުން ގެންނަން ޖެހޭ އެއްޗެހި ގެނެސް ދެން ފެންނާނީ އެމްޓީސީސީގެ މަޝްރޫއުތައް ހިނގައިގަންނަތަން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގިނަ ރަށްރަށުގައި ހުރި ބަނދަރު ހެދުމާއި ބޮޑުހިލަ ބޭނުންކޮށްގެން ކުރާ ހުރިހާ މަސައްކަތެއް އެ މަހާޖައްރާފު ގެނައުމުން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަަށެވެ.