މަތީ ސާނަވީ އިމްތިހާނު ނުވަތަ އޯލެވެލް ހަދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތްވަރުދެއްވާ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް މި މެސެޖު ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކަމަށްވީ އިރު، އެ ޕޯސްޓުގައި ރައީސް ވަނީ، މި އަހަރު، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށާއި މަދަރުސާތަކަށް، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިލައްވާފައެވެ.

ރައީސް ވިދާޅުވީ، ދަރިވަރުންގެ މުސްތަގްބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުހަލާއެއް ކަމަށެވެ.

އިރާދަކުރެއްވިއްޔާ، މި އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާތްﷲގެ ހެޔޮ ރަހްމަތްފުޅާއެކު، މި އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 8111 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާއިރު، އޯލެވެލް އިމްތިހާނު މިމަހުގެ 20 ވަނަ ދުވަހުން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެެެއެވެ.