ބައިނަލްއަގުވާމީ ގެނބުމުން ރައްކާތެރިވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ފޭސް 1 ގެ ބީޗުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ސެޕްޓެންބަރު 26 ވަނަ ދުވަހުގެ ހެނދުނު 7:00 އިން 11:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ގެނބުމުގެ ހާދިސާތަކުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އާންމުން ހޭލުންތެރިކަރުމެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ " Unite to turn the tide " އެވެ. މި ޝިއާރު ބާރު އަޅަނީ ގެނބުމުން ރައްކާތެރިވުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތްތަކެއް ކުރުމަށެވެ.
މި ހަރަކާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާރ ޤީލާ އަލީ އެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގައި ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށްް ކަނޑައަޅުއްވާފައިވާ މަންދޫބު މިސް ޕެއިޑަންގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ އިސްބޭފުޅުންނާއި، އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވަޑައިގެންނެވިއެވެ.
މި ހަރަކާތަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިސްނެގުމުގެ މަތިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، އެޗްޑީސީ، ސްވިމިންގ އެންޑް ލައިފް ސޭވިންގ ޓްރެއިނިންގ ސްކޫލް، މޯލްޑިވްސް ރެޑް ކްރެސެންޓް އެމްއެންޑީއެފް، ހުޅުމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި މީހަކު ގެނބޭ ހާލަތުގައި ސަލާމަތްކުރާނެ ގޮތާއި، ފުރަތަމަ އެހީ ދިނުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޑްރިލްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކުއްލި ހާލަތްތަކުގައި ފުރަތަމަ އެހީ ދޭނެ ގޮތަށް ކުޑަކުދިންނާއި އާންމުން އަހުލުވެރިކުރުމުގެ އިތުރުން، ކުޑަކުދިން މޫދަށް ނުވަތަ ޕޫލަށް އެރޭއިރު ބެލެނިވެރިން ސަމާލުވާން ޖެހެ މުހިންމު ކަންތައްތައްކާ ގުޅޭގޮތުން މައުލުމާތު ދީފައިވެއެވެ.
މި ހަރަކާތް އިންތިޒާމުކުރި މުއައްސަސާތަކުން ފާހަގަކުރި ގޮތުގައި، ގެނބުމަކީ ދުރާލާ ފިޔަވަޅު އަޅައި، ރައްކާތެރިކަމުގެ ގަވާއިދުތަކަށް އަމަލު ކޮށްފިނަމަ ހުއްޓުވިދާނެ ކަމެކެވެ. އެހެންކަމުން ކުޑައިރު ކުދިންނަށް ފަތަން ދަސްކޮށްދިނުމަށާއި، މޫސުމީ އިންޒާރުތަކަށް ސަމާލުވުމުގެ އިތުރުން، އަބަދުވެސް އެހީތެރިއަކާއެކު މޫދަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮންމެ އަހަރއްގެ ޖުލައި މަހުގެ 25 ދުވަހަކީ ބައިނަލްއަގުވާމީ ގެނބުމުން ރައްކާތެރިވުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ގެނބުމުގެ ހާދިސާތައް މަދުކުރުމާއި، މިކަމާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ގެނބުމުން ރައްކާތެރިވެ ތިބުމަށްޓަކައި އަމަލީ ފިޔަވަޅުތައް އެޅުމަށް ވަކިވަކި ފަރުދުންނަށާއި، މުޖުތަމައުތަކަށާއި، ޖަމްއިއްޔާ ޖަމާއަތްތަކަށް ބާރުއަޅައި ހިތްވަރުދިނުމެވެ.