ރާއްްޖެއަށް ވައިގެ މަގުން އަންނަ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ޤަވާއިދެއް އެކުލަވައިލައިފިއެވެ.
މި ޤަވާއިދަށް ކިޔަނީ، " ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވާއިދު" އެވެ.
މި ޤަވާއިދުގެ މަޤްޞަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ދިވެހިރައްޖެއަށް އަންނަ އުޅަނދެއްގައި ތިބި މީހުންނާއި، ދިވެހިރާއްޖެއިން ފުރާ އުޅަނދެއްގައި ތިބި މީހުންގެ މައުލޫމާތު، އެ ފަރާތްތައް ރާއްޖެއަށް އިއުމުގެ ކުރިން ނުވަތަ ރާއްޖެއިން ފުރުމުގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅާނެ އިޖުރާތުތައް ކަނޑައެޅުމެވެ. އެގޮތުން ބިދޭސީންގެ ތެރެއިން ނުރައްކާތެރި ކުށްކުށާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުންނާއި ޓެރަރިސްޓް ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާޢަތްތަކާ ގުޅުންހުރިކަމަށް ބެލެވޭ މީހުންނާއި، ޓެރަރިސްޓުންކަމަށް މައުލޫމާތު ލިބިފައިވާ މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަތުމަށް މަގުފަހިވާނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.
މި ޤަވާއިދު ހިނގާނީ ރާއްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި ބޭރަށް ފުރާ އުޅަނދުތަކާއި އެފަދަ އުޅަނދެއްގެ މިލްކުވެރިކަން ލިބިފައިވާ ފަރާތްތަކާއި ޗާޓަރުކޮށްފައިވާ ފަރާތްތަކާއި އޭޖެންޓުކަން ކުރާ ފަރާތްތަކުގެ އިތުރުން އުޅަނދުގެ ކެޕްޓަނުންނާއި އެ ނޫން ވެސް އެފަދަ އުޅަނދެއްގެ މައްޗަށް ޒިންމާވާ އެންމެންގެ މައްޗަށެވެ.
މި ޤަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައި ތިބި މީހުންނާއި ދިވެހިރާއްޖެއިން ފުރާ އުޅަނދެއްގައި ތިބި މީހުންގެ މައުލޫމާތު އެ ފަރާތްތައް ރާއްޖެއަށް އައުމުގެ ކުރިން ނުވަތަ ފުރުމުގެ ކުރިން އިމިގްރޭޝަންއަށް ހުށަހަޅަންޖެހެއެވެ.
ޤަވައިދުގައި ވާގޮތުން އިމިގްރޭޝަނަށް ލިބޭ މައުލޫމާތު ބޭނުންކުރަންވާނީ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޓެރަރިޒަމާއި ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އަދި ރާއްޖެއިން ޢަމަލުކުރުން ލާޒިމުވާ ވައިގެ ދަތުރުފަތުރުގެ މުޢާހަދާ ތަންފީޒުކުރުމުގެ ބޭނުމަށެވެ.
މި ޤަވާއިދާ ޚިލާފުވެއްޖެ ނަމަ 2،000 ރުފިޔާގެ ގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. މި ޤަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30އިން ފެށިގެންނެވެ.