ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް މާލެ ސިޓީގެ މޭޔާރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔާރ އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލެއިން ބޮޑު ބިމެއް ބޭރު ބަޔަކަށް ދޫކޮށްލީ ހަގީގަތުގައި ކުއްޔަކަށް ނޫން ކަމަށެވެ.
އާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެ ބިން ދުވަހަކުވެސް އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް އެއްބަސްވުމުގައި މާއްދާތައް ހިމަނައި، ހަމައެކަނި އެއްބަސްވުމުގެ ބޭރުގަނޑުގައި "ކުއްޔަށް ދިން އެއްބަސްވުން" ޖަހާލުމަކުން އެއީ ކުލީ އެއްބަސްވުމަކަށް ނުވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިހާރުގެ ޖީލަށާއި، އަންނަން އޮތް މާދަމާގެ ޖީލުތަކަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށާއި ދިވެހި ފަސްގަނޑާއި، ދިވެހިންގެ މުސްތަގުބަލު ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ހަދާފައިވާ މި ނުރައްކާތެރި އެއްބަސްވުން ވަގުތުން ވަގުތަށް ބާތިލްކުރަންޖެހޭ ކަމަށް މޭޔާރ އާޒިމް ވަނީ ގޮވާލައްވާފައެވެ.
މޭޔާރ އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރޭގެ ނޭޝަން ޗެޓްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރަސްމާލެ މަޝްރޫޢަށް ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި، އެތަނުން ބިން މިލްކު ނުކުރެވޭނެކަމަށް ވިދާޅުވުމުންނެވެ.