ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މި އަހަރުގެ ޑިސެމްބަރު ސްކޫލު ބަންދާ ދިމާކޮށް ހާއްސަ ދަތުރުތަކެއް ކުރުމަށް މޯލްޑިވިއަން އިން ނިންމައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް މިޑްޓާމް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ އަންނަ ޑިސެމްބަރު 8 އިން ފެށިގެން ޖެނުއަރީ 19 އާ ހަމައަށް ކޮންމެ އަންގާރަ ދުވަހެއްގަ އެވެ.
ދަތުރުތައް ހަމަޖެހިފައިވަނީ ޑިސެމްބަރު 8، 15، 22، 29 އަދި ޖެނުއަރީ 5، 12 އަދި 19 އަށް ށެވެ. ބެގޭޖުގެ ގޮތުގައި ކޮންމެ މީހަކަށް 25 ކިލޯގެ އެލަވަންސް ލިބޭނެ ކަމަށާއި ދެކޮޅު ދަތުރުގެ އަގުތައް ފެށެނީ 530 ޑޮލަރުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ސްކޫލު ބަންދާއި ދިމާކޮށް މީގެ ކުރިން ވެސް ވަނީ ބެންކޮކަށް ދަތުރުތައް ކޮށްފަ އެވެ. އެއީ އެ ދުވަސްވަރުތަކުގައި ދިވެހިން އެ ގައުމަށް ކުރާ ދަތުރުތަކުގެ ޑިމާންޑު އިތުރުވާތީ، އެކަމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފެށި ދަތުރުތަކެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.