މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އަސަރީގެ / ގއ. ކޮލަމާފުށި، މުޙައްމަދު ސާއިފް ޢަލީ (26އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 24 ވަނަ ދުވަހު ދެއްވަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށް ފަހު ކަމަށެވެ.

އެގޮތުން އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި އޭނާ އާއި އޭނާހުރި ސަރަހައްދު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފޮއިލްކޮޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މުޙައްމަދު ސާއިފް ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.