ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، މިހާތަނަށް 8 އަތޮޅެއްގެ 8 ރަށުގައި އެފްއެސްއެމްގެ ފިއުލް ޝެޑް ޤާއުމުކޮށް ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ގާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލް ޝެޑް ގާއިމްކޮށް ނިންމައި، މިހާރު ހިދުމަތްދޭން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ރަށްތަކަކީ، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުށި، ށ. މިލަންދޫ، ފ. ނިލަންދޫ، ދ. މީދޫ، ރ. ދުވާފަރުގެ އިތުރުން ދ. ކުޑަހުވަދޫއެވެ.
ވަޒިރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތް ލިބޭނެ އިންތިޒާމު އަންނަ އަހަރު ނޮވެމްބަރުގެ ކުރިން ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުން، ވަކިން ހާއްސަކޮށް މަސްވެރިންނާއި ޞިނާޢީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ މަދުވެ، ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރުވެ، ވަގުތު ސަލާމަތްވެ، ތަކުލީފުތައް ކުޑަވާނެ މުހިންމު ކާމިޔާބެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ، ރައްޔިތުންނަށް ދަތިވެ އެތައް އަހަރެއް ބުރަ އުފުލުމުގައި ވޭތުކުރި މިފަދަ އެތައްކަމެއް، ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކުގެ ދަށުން ލުއިކޮށްދީ، ހެޔޮ ބަދަލުތައް ގައުމަށް ގެންނަވަމުންދާކަން ފާހަގަކުރައްވާފައެވެ.
މިފްކޯއިން އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ދޫކުރަމުން ދަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން މި އުސޫލުގެ ދަށުން މަސްވެރިންނަށް މިފްކޯއަށް މަސްކިރުވުމުން ލިބޭ ބިލު ދެއްކުމުން ތެޔޮ އެޅޭނެއެވެ.
އެހެންކަމުން ތެލަށްވާ ފައިސާ ކަނޑާނީ މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޫކުރާ ޕޭމަންޓުގެ ތެރެއިން ކަމަށްވާއިރު، ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެހުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.