ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިކަމަށް ގޮވާލެއްވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާ އިން އިސްވެ ބޭއްވި ހައިލެވެލް މީޓިންގ އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގައި މިއަދު ތަޤްރީރު ކުރައްވަމުންނެވެ.
ނައިބު ރައީސް ވިދާޅުީ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި)ގެ އަމާޒުތައް ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށެވެ. އަދި ޖީޑީއައި އިތުރަށް ފުޅާކުރުމަށް ޗައިނާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރައްވައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ރާއްޖެއާއި ޗައިނާގެ ދެމިގެންދާ ގުޅުމާއި، ޗައިނާއިން ރާއްޖޭގެ ޤައުމީ ތަރައްޤީގައި އަދާކުރަމުންދާ ދައުރުވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ ދަރަނީގެ ދަންތުރައިގެ ސަބަބުން ޤައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، އެހެންކަމުން ކޮޕް31ގެ އަމާޒުތަކަށް ވާޞިލްވުމަކީ މުހިންމުކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ދެމެހެއްޓިނިވި ތަރައްޤީގައި ސައިންސާއި، ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭހެން އީޖާދީ ވިސްނުންތަކަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ މަޢުލޫމާތާއި ޓެކްނޮލޮޖީ ޙިއްސާކުރުމާއި، ކެޕޭސިޓީ ތަރައްޤީކުރުމަށް ތާޢީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ތަޤްރީރު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވައި، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.