އިސްލާމީ ދަޢުވަތުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެކަމަށެވެ. އަދި އަޅުގަނޑުމެން ވާން ޖެހޭނީ އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހު 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށާއި އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭކަމަށެވެ. އަދި ވަރަށް ރަނގަޅަށް ހިނގާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން ބައިވެރިވެފައިވެއެވެ.