މިއަދު ފެށުމަށް ހަމަޖެހިފައިވާ 15 ވަނަ "ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގައި ދިވެހިރާއްޖޭގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
މި ކޮންގްރެސް ކުރިއަށްދާނީ މިއަދު، 26 ސެޕްޓެންބަރު 2026 އިން ފެށިގެން 1 އޮކްޓޫބަރު 2026 ގެ ނިޔަލަށް އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައެވެ. މި ކޮންގްރެސްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ސާމީ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއަހަރުގެ ކްރައިމް ކޮންގްރެސްގެ ތީމަކީ "އެކްސެލެރޭޓިންގ ކްރައިމް ޕްރިވެންޝަން، ކްރިމިނަލް ޖަސްޓިސް އެންޑް ދަ ރޫލް އޮފް ލޯ – ޕްރޮޓެކްޓިންގ ދަ ޕީޕަލް އެންޑް ދަ ޕްލެނެޓް، އެންޑް އެޗީވިންގ ދަ 2030 އެޖެންޑާ ފޯރ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް އިން ދަ ޑިޖިޓަލް އޭޖް" އެވެ.
ޕީޖީ އޮފީހުން ބުނީ، މިއަހަރުގެ ކޮންގްރެސްގައި، ކުށްކުރުން ހުއްޓުވުމަށް ކުރިމަތިވަމުންދާ ޒަމާނީ ދަތިތަކާއި، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރުވަމުންދާ ކުށުގެ ބާވަތްތަކާއި، ޢަދުލު އިންޞާފަށް ވާޞިލުވުން ފަސޭހަކުރުމާއި، ކުށްކުރުމާ ދެކޮޅަށް ޒިންމާދާރުކަމާއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރެވޭނެ ކަމަށެވެ.
މިއަހަރުގެ ކްރައިމް ކޮންގްރެސްގެ މައިގަނޑު 3 ސެޝަނެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޝެޝަންތަކަކީ:
1. ކޮންގްރެސްގެ މަތީ ފެންވަރުގެ ބައްދަލުވުން – 26-27 ސެޕްޓެންބަރު 2026
2. ސައުތް އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯރކް ގެ އެންސިލަރީ މީޓިންގ – 27 ސެޕްޓެންބަރު 2026
3. "އެންޝުއަރިންގ އީކުއަލް ޖަސްޓިސް ފޯރ އޯލް، ޓްވޯރޑްސް ސޭފް އެންޑް ސެކިއުރ ސޮސައިޓީސް ވައިލް ރެސްޕެކްޓިންގ ދަ ރޫލް އޮފް ލޯ" މި ސުރުޚީގެ ދަށުން ކުރިއަށްގެންދާ ވޯކްޝޮޕް – 28 ސެޕްޓެންބަރު 2026
ޕީޖީ އޮފީހުން ބުނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ކުށްކުރުމާ ދެކޮޅަށް ދިވެހިރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކާއި، ދިމާވަމުންދާ ދަތިތަކާއި، ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގައި ޒަމާނީ ޓެކޮނޮލޮޖީ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށެވެ. އަދި ޢަދުލު އިންޞާފަށް ވާޞިލުވުން ފަސޭހަކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢާންމުނަށްދޭ އެންމެހައި ޚިދުމަތްތައް އޮންލައިންކޮށް ހޯދޭގޮތަށް ފަރުމާކޮށްފައިވާ މި އޮފީހުގެ ވާރޗުއަލް ދޮރޯށި، "އީ-ދޮރޯށި" އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްޕޮމޭޝަން މަޝްރޫޢު ޕީޖީއޯ 2.0، ކޮންގްރެސްގެ މަންދޫބުންނަށް ތަޢާރަފްކޮށް އަރުއްވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްއަކީ އެކުވެރި ދައުލަތްތަކުގެ މެދުގައި ކޮންމެ 5 އަހަރުން އެއް އަހަރު ބާއްވާ ބައިނަލްއަޤްވާމީ ފޯރަމެކެވެ.