ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމުގެގޮތުން، ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއިން ސިލްސިލާ ގޮތެއްގައި ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި މީގެ ކުރިން ކަންތައްތައް ހިނގަމުން އައި ގޮތަށް އަލިއަޅުއްވާލައްވަމުން، އެއް ސަރުކާރަކުން ފަށާ މަސައްކަތްތައް އަނެއް ސަރުކާރެއް އައުމުން ހުއްޓި، ޤައުމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވެގެންދާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެދެވޭ ކުރިއެރުންތައް ނުލިބި، ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ގައުމުގެ ތަރައްގީގެ ރާސްތާ ކަނޑައަޅައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް، 20 އަހަރުގެ މާސްޓަރޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، މި ޕްލޭނަކީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުހަދައި، ޕްލޭން ހިމާޔަތްކޮށް، ސިޔާސީ އޮއިވަރުތަކުން ސަލާމަތްކުރެވޭނެ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މާސްޓަރޕްލޭނާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައިވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަމިއްލަ ފައިމައްޗަށް ތެދުވެ، ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް މަސައްކަތްކުރާކަން ދުނިޔެއަށް ހާމަކޮށްދެއްވުންކަމަށެވެ. މިފަދައިން ކަންކުރެއްވުމުން، އޭރުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، ރާއްޖެއަށް ލިބޭ ފުރުސަތުތައް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީގެ ޕްލޭނެއް ނެތި ކުރާ މަސައްކަތަކަށް ވެއްޖެނަމަ، އަބަދުވެސް ފެންނާނީ ފަހަތަށްދާ މަންޒަރު ކަމަށާއި، ދުރުރާސްތާގެ ޕްލޭނެއް އޮވެގެން މަސައްކަތްކޮށްފިނަމަ، އޭގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.