ރާއްޖެ އާއި މެލޭޝިއާގެ ދެމެދު އިގްތިސާދީ ގޮތުން ގުޅުން ވަރުގަދަ ކުރުމަށް މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެއަށް އައިސް އިންވެސްޓްކުރުމަށް މަގުފަހިވާނެ ފަދަ މާހައުލެއް އުފައްދަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ޕްރޮގްރާމް ނޭޝަން ޗެޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރުގެ ކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށް އެބަސްވުމުގެ އިތުރުން، ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދުން އިގްތިސާދީ ފައިދާ ލިބޭނެ ފަދަ އިތުރު މަގެއް ފެނޭތޯ ބެލުމުގެ މި މަސައްކަތް ފެށުމާ ގުޅޭގޮތުންވެސް މެލޭޝިއާއާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މިހެން ގޮސްވަރަށް ގިން ގޮތް ގޮތުން، އިޤްތިސާދީ ގޮތުން، އިޖްތިމާއީ ގޮތުން، ގިނަ އެހީ ތެރިކަމެއް ރާއްޖެއަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ މި ދަތުރާ ގުޅިގެން. އެމަނިކުފާނުގެ އެހީތެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ކޮއްދެއްވާ ކަންތައްަކުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އޭގެ އިތުރުން ރާއްޖޭގެ ރިޒާވްގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. އަދި ސަރުކާރުން މިހާތަނަށް މަސައްކަތް ކުރަމުން އައީ ރައްޔިތުންނަށް ބޭނުންވާ މައިގަނޑު ކަންކަމުގައި އެއްވެސް ދައްޗެއް ނުވާނެ ގޮތަށް ދަރަނިތައް ދައްކަމުން ގެންދެވޭތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުމެންގެ ރިޒާވްވެސް ގެންދެވުނު ވަރަށް މައްޗަށް ރާއްޖޭގެ ތަރީހުގައި ވެސް ނުގެންދެވޭ ވަރުގެ މައްޗަށް ރިޒާވް ގެންދެވުނު މިއަހަރު ފެށުނު އިރުގައި. ފެބްރުއަރީ މަސްއައިރުގައި ރާއްޖޭގެ ރިޒާވް ހުރީ 1.2 ބިލިޔަން ދޮލަރުގައި. އެއީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އައި ބަދަލުތަކާ އެކު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް އެކަމުގެ އަސަރުކޮށްފައިވާއިރު، އޭގެ ސަބަބުން ރާއްޖެއަށް ވެސް އެކި ވަރުގެ އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިވަ ދަރަނިތައް ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް މަގުފަހި ކޮށްދިނުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.