މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މިއަދު ނިޔާވެއްޖެއެވެ.

ނިޔާވި އަންހެން މީހާގެ އާއިލާއާއި ހަވާލާދީ ފުލުހުންގެ ބުނީ މި އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއްވެ ނިޔާވީ، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ އާއިޝަތު މާހިދާ އެވެ. އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމު ފުރަމުން އައި މާހިދާގެ މޫނުގެ ކަށިތަކަށް އެ އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ދެން އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ.

މީގެ އިތުރުން މި އެކްސިޑެންޓާ ގުޅިގެން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ތ. ދިޔަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.