އިރާނަށް ދިން ހަމަލާތަކުގައި އެމެރިކާއަށް އެހީތެރިވި ޔޫރަޕްގެ ގައުމުތަކަށް އޭގެ ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށް އިރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އިރާނުގެ ޤާނޫނީ އަދި ބައިނަލްއަޤުވާމީ ކަންކަމާ ބެހޭ ނައިބު ވަޒީރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެމެރިކާއިން ހިންގާފައިވާ އުދުވާނީ ޢަމަލުތަކުގައި ޔޫރަޕުން ބައިވެރިވެފައިވާތީވެ، އެކަމުގެ ޒިންމާއިން ޔޫރަޕަށް ނުރެކެވޭނެ ކަމަށެވެ. އަދި އެކަމުގެ ރައްދު ދޭނެ ކަމަށް އޭނާ ވަނީ އިންޒާރުދެއްވާފައެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޣަރީބްއާބާދީ ވިދާޅުވީ، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭ، އެމެރިކާއިން ހިންގި ޤާނޫނާ ޚިލާފު ކެމްޕޭނުގައި ޔޫރަޕުން އަދާކޮށްފައިވާ ދައުރު ހާމަކޮށްދީފައިވާ ކަމަށެވެ.

އެމެރިކާއަށް ބިންތައް ދޫކޮށްފައިވާ ސަރުކާރުތަކަށް އެ ޒިންމާއިން ރެކިގަނެވޭނެ ކަމަށް ޤަބޫލުނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ރައްދު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށްވެސް ޣަރީބްއާބާދީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި އުދުވާނުގައި ޔޫރަޕުގެ އަސްކަރީ މަރުކަޒުތަކުން އެމެރިކާގެ 4,000 އާއި 5,000 އާ ދެމެދުގެ އަސްކަރީ އުޅަނދު ފުރާފައިވާ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އަދި ޔޫރަޕަކީ "ބާރު ދައްކާ މަންސައެއް" ކަމަށާއި، އެ ފުރުޞަތު ނުދިން ނަމަ ވޮޝިންޓަނަށް އެ އޮޕަރޭޝަން ހިންގުން ނުކުޅެދޭނެ ކަމަށްވެސް އޭނާ ވަނީ ސިފަކޮށްފައެވެ.

އެ އުދުވާނުގައި އެމެރިކާއަށް ވައިގެ ސަރަޙައްދާއި ތެޔޮ އުފުލާ ބޯޓު އަދި ލޮޖިސްޓިކް އެހީ ދީފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ރޮމޭނިއާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު ފަދަ ޤައުމުތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުން ބުނަމުންދަނީ އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކަކީ އެއްވެސް ސަބަބެއް ނެތި އދ. ގެ ޗާޓަރާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ އުދުވާނެއް ކަމަށެވެ.