ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލުމުން އެމްއެންޑީއެފުން ސަލާމަތްކުރި ބިދޭސީ މީހާ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ސިނަމާލެ ބުރިޖުމަތިން ފުންމާލީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

އެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނިފައި ވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އެއާއެކު އެމްއެންޑީއެފުން ވަނީ ކޯސްޓްގާޑް ހާބާ ކްރާފްޓަށް އޭނާ ނަގައި، ފުލުހުންނާ ހަވާލުކޮށްފައެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީވެ، އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ. އެ އަމުރުގައިވާގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތެވެ.

މީގެ އިތުރުން ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެކެވެ.