ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުޅުއްވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ގައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ ހަޖަމުނުވެގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓަކާއި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ދެން އަންނަ ސަރުކާރަކުން ބަލައިގަންނަން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެން އެއަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ވަރަށްބޮޑު ބޭކާރު ހަރަދެއް ކަމަށް ޔާމީން ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް އެއީ މިގައުމުގައި ދުވަހަކުވެސް ހިންގާފައި ނުވާފަދަ ބިޔަ ބޮޑު ޕްރޮޖެކްޓެއް ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ، އެ ޕްރޮޖެކްޓް ފަށަން ނިންމުމުން ޔާމީނުގެ މޭކަރާ ލޮލަށް ނިދި ނައިސްގެން އުޅުއްވަނީ މިގައުމާއި ރައްޔިތުންނަށް އެމަނިކުފާނުގެ ހިތުގައި އެއްވެސް ކުލުނެއް ނެތުމުން ކަމަށެވެ.

ޔާމީނަށް ފާޑުވިދާޅުވަމުން ފަލާހް އިތުރަށް ވިދާޅުވީ ގައުމުގެ ހަޒާނާއިން ނުހައްގު ފައިދާ ނަގައިގެން ހުންނެވި ބޭފުޅަކަށް ދެން ވެރިކަމުގެ ވަސްދުވާ ހިސާބަކަށް ވެސް ނާދެވޭނެ ކަމަށެވެ. އަދި ޔާމީންގެ ނުބައި ރޭވުންތައް ކާމިޔާބު ނުވާނެކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.

އިންޝާﷲ އަދިތިރާވާނުބައިއެއްވެސްރޭވުމެއް ކާމިޔާބެއްނުވާނެ އަމިއްލައަށްވެރިކަންކުރިގޮތް ހަނދާންކޮށްލާފަ ކަރުދާސްކޮޅެއްގައި ރައީސްގެނަންޖަހާލައިގެން ބޯދަށައްލައިގެންނިދާލާދެން.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

މީގެއިތުރުން، ޔާމީން އުޅުއްވަނީ މި ސަރުކާރުގައި ގައުމަށް ލިބޭ ކުރިއެރުމާއި ކާމިޔާބީތައް އެއްގޮތަކަށް ވެސް "ހަޖަމުނުވެން" ކަމަށް ފަލާހު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށާއި، 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ނަމަވެސް، ހައުސިންގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.