ވަރލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ގެ ތައްޔާރީތައް ކުރިއަށްދާއިރު، މި އިވެންޓުގެ އޮފިޝަލް ސްޓައިލިންގ ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ރޯގް ބައި ނަޖޫ" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ވީއެމްއެސީން ބުނީ މި އެއްބަސްވުމުގެ ދަށުން، އިވެންޓުގެ އެމްސީ އަދި އަޝަރުންގެ ވޯޑްރޯބް ސްޓައިލިންގ ރޯގް ބައި ނަޖޫ އިން ފޯރުކޮށްދޭނެ ކަމަށާއި، އޮފިޝަލް ސްޓައިލިންގ ޕާޓްނަރުގެ ގޮތުގައި އެ ފަރާތުގެ ބްރޭންޑް އިޝްތިހާރުވެ، ފުޅާ ދާއިރާއެއްގައި ފެނިގެންދާނެ ކަމަށެވެ. މީގެއިތުރުން މި ޕާޓްނަރޝިޕަކީ ދިވެހި ލޯކަލް ވިޔަފާރިތަކުގެ ހުނަރާއި އުފެއްދުންތެރިކަން ދައްކުވައިދީ، ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ އިވެންޓެއްގައި އެ ފަރާތްތަކުގެ ތަޖުރިބާ ދައްކާލުމަށް ލިބިގެންދާ ފުރުސަތެކެވެ.
ވަރލްޑް ޓްރެވަލް އެވޯޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި، ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތަކުން ބައިވެރިވާ ހަރަކާތެކެވެ. މި އެވޯޑްސްގެ އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭ އަގުހުރި ފުރުސަތެއްގެ ގޮތުގައި ވީއެމްސީން ފާހަގަކުރެއެވެ.
މި ޕާޓްނަރޝިޕާއެކު، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖެ އިސްތިހާރުކުރުމަށާއި، ސިނާއަތުގެ ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ މުހިންމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވީއެމްސީން ބުނެއެވެ.