މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މެލޭޝިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އިއްޔެ އަވާހަރަވީ އުމުރުފުޅުން 83 އަހަރުގައެވެ.