ޅ. ފެލިވަރު ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ނިމުމަކާއި ގާތަށް އައިސްފިއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ތާޒާކަންމަތީ މަސް ރައްކާކުރެވޭނެ އެކަށީގެންވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ދަނީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ބެހެއްޓުމުގެ މަސައްކަތް ފެލިވަރުގައި ކުރަމުންނެވެ.

ފެލިވަރުގައި މިހާރު ގާއިމުކޮށްފައި ހުރި 750 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ އެ ރަށުގެ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެ ސަރަޙައްދުގެ މަސްވެރިންގެ އުފެއްދުންތެރިކަމަށް ބަލާއިރު އެކަށީގެންވާ ޖާގައެއް ނޫން ކަމަށްވާތީ ސަރުކާރުން މިހާރު އެ ރަށުގައި ޤާއިމުކުރަމުންދަނީ 4000 ޓަނުގެ ބިޔަ ކޯލްޑް ސްޓޯރޭޖެކެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކޯލްޑް ސްޓޯރޭޖްގެ ޑެޕިއުޓީ މެނޭޖަރ ޢަބްދުލްހާދީ މުޙައްމަދު ވިދާޅުވީ، ކުރިން 50 ޓަނު ފްރީޒްކުރި ނަމަވެސް، މިހާރު ފްރީޒް ކުރުމުގެ ބަދަލުގައި މަސްވެރިންނާ ބޯޓުފަހަރުން ގަންނަ މަސް ރައްކާކުރަނީ އާރްއެސްޑަބްލިޔު ނިޒާމުގައި ކަމަށެވެ. އޭނާ ވިދާޅުވީ އާރްއެސްޑަބްލިޔު ނިޒާމުގައި މަސް ބެލެހެއްޓުމަށްފަހު ކޭނެރީއަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް، އައު ކޯލްޑް ސްޓޯރޭޖް އައުމުން މަސް ގަނޑުކޮށް ފިނިކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށާއި 4000 ޓަނުގެ ބިޔަ ކޯލްޑް ސްޓޯރޭޖު ހުޅުވުމުން މަސް ކިރުމުގެ ދުވެލި އެތައް ގުނައަކަށް އަވަސްވެގެންދާނެ ކަމަށް ޢަބްދުލްހާދީ ވަނީ ވިދާޅުވެފައެވެ.

ފެލިވަރުގައި ތަރައްގީކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖު މަޝްރޫޢުގެ ތެރެއިން ޒަމާނީ އައު ބަނދަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަސް ކިރައި އުފުލުމުގެ ފަސޭހައަށްޓަކައި ބަނދަރުގައި މިހާރު ވަނީ 3 ކްރޭންވެސް ހަރުކޮށްފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު ޚަރަދުކޮށްގެން، އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އަދި އެ މަޝްރޫޢަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރަނީ ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގައެވެ.