މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޙުތުބާގައި، އިސްލާމީ ޢަޤީދާގެ މުހިންމުކަމަށް އަލިއަޅުވާލައި ބުނެފައިވަނީ، ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގަލު ކަމަށެވެ. އަދި އެންމެންވެސް، ހަމަޖެހުމާއި އުފާވެރިކަމަށް އެދޭ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކޮށް ޙުތުބާގައި ބުނީ ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށެވެ.

މީގެ އިތުރުން، އިންސާނާއަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާ ނަބިއްޔުން ފޮނުއްވި ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ މާތް ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމެވެ. އެ ބޭކަލުން ދުނިޔެވީ ތަނަވަސްކަމާއި ފާގަތިކަމަށް އިހުމާލުވެވަޑައެއްނުގަންނަވައެވެ. އެހެނެއްކަމަކު ޞައްޙަ ޢަޤީދާގެ ބިންގާ ވަރުގަދަކުރެއްވުމަށް މަސައްކަތްކުރެއްވެވީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ، ޞައްޙަ ޢަޤީދާކަމުގައި ވާތީއެވެ."

ހުކުރު ޙުތުބާ

ޙުތުބާގައި އިތުރަށް ބުނީ، ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ މާތް ﷲގެ ރަސޫލުންނާއި ނަބިއްޔުންނަށް ކަމަށެވެ.

ޚާއްޞަކޮށް، މި އުންމަތުގެ މާތް ނަބިއްޔާ އަށް އެތައް ދަތިތަކަކާއި ތަކުލީފުތަކަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތް ކަމަށް ޙުތުބާގައި ބުނެއެވެ.

އެކަލޭގެފާނަށް އަނިޔާވެރިކަމާއި ފުރައްސާރައާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިޔުމުގެ ހިތާމަ ތަޙައްމަލުކުރެއްވިއެވެ. އަދި ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތިކަންވެސް ތަޖުރިބާކުރެއްވިއެވެ. އެހެންނަމަވެސް، އެކަލޭގެފާނު ދެމިހުންނެވީ ކެތްތެރިކަމާއެކު މާތް ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެންވާ ޙާލުގައެވެ."

ހުކުރު ޙުތުބާ

ޚުތުބާގައި ވަނީ، ބާއްޖަވެރިކަމާ ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ޙަޔާތް ވިއްކައިލަނީ ކިތައްމީހުންތޯ ސުވާލު އުފައްދާ، ބޭރުފުށް ރީތިކޮށް ދެއްކުމަށް މަސައްކަތްކުރާ ނަމަވެސް އެތެރެފުށުގެ ޙާލާމެދު ފިކުރު ނުކުރާ ކަމަށް ބުނެފައެވެ. އަދި ކާމިޔާބީގެ ދަތުރު ފެށޭނީ އެތެރެފުށް އިޞްލާޙުވުމުން ކަމަށްވެސް ޙުތުބަގައި ބުނެފައިވެއެވެ.