ސިއްހީ ހިދުމަތްތެރިންގެ ތެރެއިން، ފާމަސިސްޓުން ކޮބައިތޯއެވެ؟
މިއަދަކީ، ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށްވީ އިރު މިއީ ސިއްހީ ދާއިރާގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ފާމަސިސްޓުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުނިޔޭގެ ފާމަސިސްޓުންގެ ދުވަހެވެ. ނަމަވެސް، ރާއްޖޭގައި ޑޮކްޓަރުންގެ ދުވަހާއި ނަރުހުންގެ ދުވަހަށް ދެވޭ ފަދަ ސަމާލުކަމެއް މި ދުވަހަށް ލިބިގެންދަނީ ވަރަށް މަދުންނެވެ. ޑޮކްޓަރުންނާއި ނަރުހުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަންކުރަން ޖެހޭއިރު، ސިއްހީ ފަރުވާގެ ކަންކަން ނިމެނީ ހަމައެކަނި ޑޮކްޓަރަކު ބޭސް ސިޓީއެއް ލިޔެދިނުމުން ނުވަތަ ނަރުހަކު ފަރުވާ ދިނުމަކުން ނޫނެވެ. ބަލިމީހާއާ ހަމައަށް ރައްކާތެރިކަމާއެކު ބޭސް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ، އެ ފަރާތްތަކުގެ މަސައްކަތްތައް ގިނަ ފަހަރަށް ފާހަގަނުކުރެވި، އާދައިގެ ބައެއްގެ ގޮތުގައި ބެލެވިފައިވާ ފާމަސިސްޓުންނެވެ.
ފާމަސިސްޓުންނަކީ ހަމައެކަނި ބޭސް ފިހާރައެއްގެ ކައުންޓަރު ފަހަތުގައި ތިބެގެން ބޭސް ކާޑުތަކެއް ދޭ ބައެއް ނޫނެވެ. އެބޭފުޅުންނަކީ ބޭސް ދޫކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، ބޭހާ ގުޅުންހުރި މައްސަލަތައް ދެނެގަތުމާއި، ބޭސް ބޭނުންކުރަންވީ ގޮތް ތަފްސީލުކޮށްދީ، ފަރުވާއާ ގުޅޭގޮތުން ބަލިމީހުން ހޭލުންތެރިކުރުވުމުގެ ތަމްރީނު ލިބިފައިވާ ފަންނީ މާހިރުންނެވެ. ދުނިޔޭގެ ފާމަސިސްޓުންގެ ޖަމްއިއްޔާ (އެފްއައިޕީ) އިން 2026 ވަނަ އަހަރުގެ ފާމަސިސްޓުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ދުޅަހެޔޮ މުސްތަގުބަލަކަށް ފާމަސިސްޓުން ބާރުވެރިކުރުވުން" މި ޝިއާރުން ދޭހަކޮށްދެނީ، ބަލިތަކުން ރައްކާތެރިވުމާއި، ސިއްހީ ނިޒާމު ހަރުދަނާކުރުމުގައި މި ފަންނުގެ މުހިންމުކަމެވެ. އެހެންކަމުން، ފާމަސިސްޓުންނަކީ ސިއްހީ ނިޒާމުގެ އިހުތިޔާރީ ބައެއް ނޫނެވެ. އެއީ ބަލިމީހުންނަށް ރައްކާތެރިކަމާއެކު ފަރުވާ ފޯރުކޮށްދިނުމުގައި ކޮންމެހެން ބޭނުންތެރި، ސިއްހީ ނިޒާމުގެ މުހިންމު ބައެކެވެ.
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު، މިކަމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެއެވެ. މިދިޔަ މަހު ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށާއި، ހާއްސަ ކޮށް އާންމުންނަށް ބޭސް ދޫކުރާ ފާމަސީތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ނެތުމުގެ ސަބަބުން، އިތުރު 100 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. ހަމައެއާއެކު، ބޭސް ލިބުމުގައި ހުރި ދަތިތަކާއި، ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި މައްސަލަތަކަކީ މިހާރުވެސް ގައުމަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެކެވެ. ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރު ފާހަގަކުރައްވާފައިވާ ގޮތުގައި، ފާމަސީތަކުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށާއި ބޭސް ފޯރުކޮށްދޭ ނިޒާމު ހަރުދަނާކުރުމުގައި ފާމަސިސްޓުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. މިއީ މި ދާއިރާއަކީ ބޭނުމެއް ނެތް ނުވަތަ މުހިންމުކަން ކުޑަ ދާއިރާއެއް ކަމުގެ ނިޝާނެއް ނޫނެވެ. މިއީ މި ދާއިރާއަށް މިއަށްވުރެ ބޮޑު ސަމާލުކަމެއް ދީ، އިންވެސްޓްކޮށް، އެ މަސައްކަތުގެ އަގުވަޒަންކުރަން ޖެހިފައިވާ ކަމުގެ ހެއްކެކެވެ.
ސަމާލުކަން ދޭންޖެހޭ އަނެއް ކަމަކީ، ފާމަސިސްޓުން އުފުލާ ބޮޑު މަސްއޫލިއްޔަތާ އަޅާބަލާއިރު އެ ފަރާތްތަކުގެ މަސައްކަތުގެ މާހައުލާއި އުޖޫރައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. ގިނަ ފާމަސިސްޓުން 8 ގަޑިއިރުގެ ޝިފްޓްތަކުގައި މަސައްކަތް ކުރާއިރު، ދެން ޑިއުޓީއާ ހަވާލުވާންޖެހޭ މުވައްޒަފު އަންނަންދެން، ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް މަޑުކުރަންޖެހުމަކީ އާންމުކަމެކެވެ. މަސައްކަތުގެ ބުރަދަނާއި ޒިންމާ ބޮޑު މި ދާއިރާގައި، އެހެން މުވައްޒަފަކު އަންނަންދެން މަޑުކުރަންޖެހުމަކީ ނުހަނު ބޮޑު ތަކުލީފެކެވެ. މުވައްޒަފުން މަދުވުމުގެ ސަބަބުން ޗުއްޓީ ނެގުމަކީވެސް ދަތިކަމެކެވެ. ސަބަބަކީ އެކަކު ޗުއްޓީގައި ހުންނަ ވަގުތެއްގައި، ޑިއުޓީތައް ފޫބެއްދުމަށް ބޭނުންވާ ވަރަށް މީހުން ނުތިބޭތީއެވެ. އަދި މަސައްކަތުގެ ބުރަކަމާއި ވަރުބަލިކަމުގެ ސަބަބުން ބަލިވެގެން ސަލާމް ބުނަންޖެހޭ ހާލަތްތައް ކުރިމަތިވެއެވެ. މީގެ ސަބަބުން މަސައްކަތުގައި ތިބޭ ފަރާތްތަކަށް އޮންނަ ފިއްތުންތައް އިތުރަށް ބޮޑުވެގެންދެއެވެ.
މީގެ އިތުރުން، މި ދާއިރާއަށް ޒުވާނުން ނެރުމަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މަސައްކަތުގެ ބުރަދަނާ ނުބައްދަލު ކުޑަ އުޖޫރައާއި، ހިދުމަތް ހޯދާ ފަރާތްތަކާ މުއާމަލާތް ކުރުމުގައި ދިމާވާ ދަތިތަކުގެ އިތުރުން، ފާމަސިސްޓުން ކުރާ މަސައްކަތުގެ އަގު ވަޒަންނުކުރެވޭތީ ގިނަ ޒުވާނުން މި ފަންނަށް ޝައުގުވެރިއެއް ނުވެއެވެ. ބައެއް ފަހަރު ކަސްޓަމަރުންގެ ފަރާތުން ކުރިމަތިވާ ބޭއަދަބީ އަމަލުތަކާ ކެތްތެރިކަމާއެކު ކުރިމަތިލާން ޖެހުނު ނަމަވެސް، ފާމަސިސްޓުންގެ ނަފްސާނީ ދުޅަހެޔޮކަމާއި މަސައްކަތުގެ ބުރަދަނަށް ދޭންޖެހޭ ސަމާލުކަން ކުޑައެވެ. އެހެންކަމުން، ގައުމުގެ ޒުވާނުން ފާމަސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާނަމަ، އެ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެކަށީގެންވާ އުޖޫރައަކާއި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދޭންޖެހެއެވެ.
ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގައި އިޖުތިމާއީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އާންމުގޮތެއްގައި ސިއްހީ ހިދުމަތްތެރިންގެ ވާހަކަ ދެކެވޭއިރު، އެންމެ ފުރަތަމަވެސް ހަނދާނަށް އަންނަނީ ޑޮކްޓަރުންނާއި ނަރުހުންގެ ނަންތަކެވެ. ނަމަވެސް، ފާމަސިސްޓުންގެ މުހިންމުކަން އާންމުންނަށް އިހުސާސްވަނީ ބޭހެއް ނުލިބިގެން ނުވަތަ ބޭސްސިޓީއަކާ ގުޅޭގޮތުން ސުވާލެއް އުފެދިގެން ނުވަތަ ބޭސް ބޭނުންކުރާނެ ގޮތެއް އޮޅުންފިލުވަން ޖެހޭ ހާލަތްތަކުގައެވެ. ފާމަސިސްޓުންގެ މަސައްކަތުގެ ބޮޑުބަޔަކީ މައްސަލައެއް ދިމާވުމުގެ ކުރިން އެކަމަކުން ރައްކާތެރިވުން ކަމަށްވާތީ، ގިނަ ފަހަރަށް އެމީހުން ކުރާ މުހިންމު މަސައްކަތްތައް އޮންނަނީ ފަރުދާގެ ފުރަގަހުގައެވެ. އަދި ވަކި ބަޔަކަށް އިސްކަންދީ، އެހެން ފަންނީ މަސައްކަތްތެރިންގެ އަގު ވަޒަންނުކުރާ ސިއްހީ ނިޒާމެއްގެ ސަބަބުން، ސިއްހީ ހިދުމަތަކީ އެންމެން ގުޅިގެން ދޭންޖެހޭ ހިދުމަތެއްކަން ހަނދާން ނެތިދިއުމުގެ ބިރު އޮވެއެވެ.
އެހެންކަމުން، ބައިނަލްއަގުވާމީ ފާމަސިސްޓުންގެ ދުވަހަކީ ހަމައެކަނި ކަލަންޑަރުގައި އޮންނަ ތާރީހަކަށް ވެގެން ނުވާނެއެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގައި ފާމަސިސްޓުންގެ އަގު ވަޒަންކުރަނީ ކިހާ މިންވަރަކަށްތޯ ސުވާލުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އެއީ ހަމައެކަނި ސޯޝަލް މީޑިއާގައި ޝުކުރުގެ މެސެޖުތަކެއް ފަތުރާލުމުގެ ބަދަލުގައި، އެ މީހުންނަށް ހައްގުވާ ފުރިހަމަ އިހުތިރާމާއި، އެކަށީގެންވާ އަދަދަށް މުވައްޒަފުން އައްޔަންކުރުމާއި، ފަންނީ ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ސިއްހީ ނިޒާމުގެ ތެރޭގައި އެ ފަރާތްތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފާމަސިސްޓުންނަކީ ސިއްހީ ދާއިރާގެ މުހިންމު ފަންނުވެރިންގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. ޑޮކްޓަރުންނާއި ނަރުހުން ފަދައިން ފާމަސިސްޓުންނަކީ ވެސް ހަމަ އެހާމެ މުހިންމު ބައެކެވެ. ފާމަސިސްޓުންގެ އަގު ވަޒަންކުރުމަށް ހާއްސަ ކުރެވިފައިވާ މި ދުވަހު، އެންމެންވެސް ހަނދާން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ބަލިމީހުންނަށް ދެވޭ ކޮންމެ ރައްކާތެރި ބޭހެއްގެ ފަހަތުގައި އެ ފަރާތްތަކުގެ އަގުހުރި މަސައްކަތް ހިމެނޭ ކަމެވެ.