ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް 2028ގެ ނިޔަލަށް ނިންމައި ބޭނުން ކުރަން ފެށޭނެކަމަށް، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުރުތަޟާ ވިދާޅުވީ އަތޮޅުތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އެފަދަ މަޝްރޫޢެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ތިލަފުށިން ވަކި ސަރަޙައްދެއް ހިއްކައިގެން ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކޮންސްޓްރަކްޝަންގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕްލާންޓްގެ މަސައްކަތް ނިންމައި 2028ގެ ނިޔަލަށް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެކަމަށްވެސް މުރުތަޟާ ވިދާޅުވިއެވެ.
މި ޕްލާންޓަކީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. އެއީ، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ. އެ ޕްލާންޓުން ކުނި އެންދުމުގެ ސަބަބުން އުފެދޭ ނުރައްކާތެރި އަޅި ރައްކާ ކުރެވޭނެ ސަރަޙައްދެއްވެސް މުޅި ޕްލާންޓުގެ މަސައްކަތް ނިމޭއިރު ހުންނާނެއެވެ.
އެ ޕްލާންޓް ބޭނުންކުރަން ފަށާތާ 2 އަހަރު ތެރޭގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުގެ ތެރެއިން 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.