ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި، ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވަ ގޮތުގައި މި އޮޕަރޭޝަންތައް ހިންގާފައ ވަނީ ނައިފަރާއި އޮޅުވެލިފުށީގައެވެ. އަދި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހިތްވަރު / ޅ. ނައިފަރު، (19އ) އަނަސް އަބްދުﷲ އާއި ކޮތަރިވިލާ / ޅ. އޮޅުވެލިފުށި، (25އ) މުހައްމަދު މިފްޒާލް އަދި ޑައިމްވިލާ / ޅ. އޮޅުވެލިފުށި، (20އ) އަހްމަދު އާދިލް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މަހު 23 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން އަނަސް އަބްދުﷲ އާއި މުހައްމަދު މިފްޒާލް ހައްޔަރުކޮށްފައި އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމް ކަމަށެވެ.
ދެވަނަ އޮޕަރޭޝަނަކީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނައިފަރުން ޕޮލިހުން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އެ އޮޕަރޭޝަންގައި އަހްމަދު އާދިލް ނައިފަރުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 10.79 ގުރާމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް އަބްދުﷲ އާއި މުހައްމަދު މިފްޒާލް 8 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވާއިރު އަހްމަދު އާދިލް 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.