އިސްލާމީ ކަންތައްތަކާއި އައުގާފާއި ބެހޭ ވުޒާރާގެ ހުރިހާ މަސައްކަތެއް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އާރުސީސީ އަށް ދީފައި ނުވާނެ ކަމަށް އެ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި އިސްލާމީ ވުޒާރާއާއި އާރުސީސީއާ ގުޅުވައިގެން ދެއްކި ވާހަކަ ތަކަށް ރައްދު ދެއްވާ އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އެއީ ހަގީގަތާ ހިލާފު ވާހަކަ ތަކެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން 100 އެއްހާ ޕްރޮޖެކްޓް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ ރާއްޖޭގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހުރިހާ ޕްރޮޖެކްޓެއް ހަވާލުކޮށްފައިވަނީ އާރުސީސީއާ ކަމަށް ބުނެ ދައްކާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އާރުސީސީއާ ހަވާލުކޮށްފައި ވަނީ އެންމެ 2 ޕްރޮޖެކްޓް ކަމަށެވެ. އަދި އެ ދެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާއެއްގޮތްވާގޮތުގެ މަތީން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، މިކަންކަން ހިނގާފައިވާ ގޮތް ބެލުމަށް މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން މިކަމާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް އެފަރާތަކަށް ހާމަ ކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރޭގެ ޕީއެންއެފްގެ ޖަލްސާގައި ވަނީ، އިސްލާމިކް މިނިސްޓްރީގެ ހުރިހާ ޕްރޮޖެކްޓެއް "ފެންހޮޅިއެއް ގުޅާހެން އާރުސީސީއަށް ގުޅާފައިވާ" ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ޒަކާތު ފަންޑުން ހަރަދުކޮށްގެން ގާއިމުކުރާ ވަގުފް ބިނާތައް އަޅަން ފަށާފައި ނުވާކަން ފާހަގަކޮށް، އެ ބިނާތަކުގެ މެއިންޓެނެސް ފީ ދައްކާފައިވުމީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ޖަލްސާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޒަކާތު ހައުސްގެ މުވައްޒަފުންނަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ބުނެ، ފަރުޟު ޒަކާތް ދެއްކޭނެ އިތުރު ގޮތެއް ހޯދުމަށްވެސް އެ ޖަލްސާގައި ވަނީ ގޮވާލާފައެވެ.