ބޯހިޔާވަހިކަމުގެ ދާއިރާއިން ލޯނު ދޫކުރާއިރު، އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމަށް، ފުރުޞަތު ލިބޭފަދަ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ، ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި، ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި %5 އަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތަކާއި ގުޅޭގޮތުން ފާހަގަކުރި ބައެއްކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ރައީސް މުޢިއްޒުއާ ބައްދަލުކުރި އާއްމު މީހަކު ވަނީ 5%ގައި ހައުސިން ލޯނު ދޭއިރު، ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5އަށް ކުޑަކުރުމަށް ފަހު ލޯނު ދޫކުރާއިރު، މިހާރު އިމާރާތްކުރާ ތަންތަން ނިންމުމަށް ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިފައެވެ.

ރައީސް ވިދާޅުވީ އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމަން ފުރުސަތު ލިބުމާއި، އިތުރު ބައެއް ކަންކަން ހިމެނޭގޮތަށް، ލޯނާއި ގުޅިގެން އާއްމުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރައްވަމުންދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ނޮވެންބަރުމަހާ ހިސާބަށް އެ މަސައްކަތް ނިމޭނެކަމަށް ރައީސް ވަނީ ލަފާކުރައްވާފައެވެ.

މީގެ އިތުރުން އެ ޕްރޮގްރާމްގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން އިތުރު މީހަކުވެސް ކަންބޮޑުވުން ފާޅުކުރިއެވެ. އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ 13 އަހަރުގެ ކުއްޖެއް ބަލަމުންދާ މީހެއް ކަމަށާއި ފްލެޓަށް ކުރިމަތިލުމުން މަތިން ޕޮއިންޓު ލިބުނުނަމަވެސް ފްލެޓެއް ނުލިބޭކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ހިޔާ ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި ފުރަތަމަ ހިމެނުނުނަމަވެސް ފަހުން އެ ލިސްޓުންވެސް އޭނާގެ ނަން އުނިވެފައިވާކަމަށް އެ މީހާ ފާހަގަކުރިއެވެ. އޭނާވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތް ދަތިކަން ފާހަގަކޮށް، އެ ކަންބޮޑުވުންތައްވެސް ރައީސާ ޙިއްސާކޮށްފައެވެ.

އެހެންކަމުން ރައީސްވަނީ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށްދެއްވާނެކަން ފާހަގަކުރައްވާފައެވެ.