ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް އިސްމާޢީލް އިޒުޢާން އިބްރާހީމް، އާޔަން އަޙްމަދު ޢިނާން އަދި ޢާއިޝަތު ޒީކް ރިޔާޟްއަށް ލިބިއްޖެއެވެ.

ޙާފިޡުންގެ ގޮފިން، މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ އާޔަން އަޙްމަދު ޢިނާންއެވެ.

މުބާރާތުން އެއްވަނަ ހާސިލްކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއަހަރުވެސް ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް އަގުހުރި އިނާމުތަކެއް ވަނީ ދީފައެވެ. އެގޮތުން މި ފަޚުރުވެރި ވަނަތަކަށް މި އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ހާއްސަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ހާއްސަ ސްކޮލަރޝިޕް ދީފައެވެ.

މީގެއިތުރުން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ވަޤްފު ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީ އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރުވެސް އިނާމުތަކުގެ ތެރޭގައި ހިމެނެއެވެ.