ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ތަރައްޤީގެ މަގުގައި އިތުރު ފުރުޞަތުތަކާއި ފާގަތިކަމާއި އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސް ވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބިނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، އިސްތިގްލާލީ ހަމަހަމަކަމާއި، ސުލްޙަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމާއި، އަދި ވަން ޗައިނާ ޕްރިންސިޕަލް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަމުގެ މައްޗަށް ކަމަށެވެ. އަދި، 2024ގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެއްބަސްވެވުނު "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް"ގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ވާސިލްވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ވެދެމުންދާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ޒަމާނީ އަރބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކާއި، ރަށްރަށުގެ ދެމެހެއްޓެނިވި ބިނާވެށިކަމާއި، ތަޢުލީމާއި، ފަންނީ ތަމްރީނުގެ ފުރުޞަތުތަކާއި، އިދާރާތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، އެހެނިހެން ތަރައްގީގެ މަސައްކަތްތަކުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މެދުވެރިކޮށް ވިޔަފާރިއާއި އިގްތިސާދީ ގޮތުން ފުޅާވަމުން އަންނަ ފުރުސަތުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

"ޗައިނާއާއި ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކެއް ނޫން. އެއީ ލޮލަށް ފެންނަން އޮތް ރައްޔިތުންނަށް ތަޖުރިބާ ކުރެވޭ ގުޅުމެއް. އަޅުގަނޑުމެން ގުޅުމުގެ ވަރުގަދަކަން ހާމަވަނީ ސޮއިކުރާ އެއްބަސްވުންތަކަކުން ނޫން. އެ އެއްބަސްވުންތަކުން ހާސިލްކުރެވޭ ކަންކަމުން،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ހުރި ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނުތަވަސްކަމުގެ ސަބަބުން، ޢާންމު ދިރިއުޅުމަށާއި އިގުތިސާދަށާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މިފަދަ ގޮންޖެހުންތަކާއި ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގައި މަޝްވަރާއާއި، އެއްބާރުލުމާއި، ދެފަރާތަށް އިހްތިރާމްކުރުމާއި، އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ޞުލްހަމަސަލަސްކަމަކީ ތަރައްގީއަށް ފުރުސަތު ތަނަވަސްކޮށްދޭ ކަމެއް ކަމަށާއި، ހަމަޖެހުމަކީ ފާގަތިކަމުގެ އަސާސް ކަމުގައެވެ. އަދި ގޮންޖެހުންތަކުން އެކުގައި އަރައިގަތުމަށް ޤައުމުތަކަށް ބާރު ލިބިދެނީ އެއްބާރުލުމުގެ ތެރެއިން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.