މައްކާގެ އަލްމަސްޖިދުލް ހަރަމްގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިރޭ ބޭއްވި 38 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޝައިހް ދައުސަރީއަށް ދައުވަތު އެރުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއަށް ކަމަށާއި ނަމަވެސް އެމަނިކުފާނަށް އެދުވަހަށް ވަޑައިގެންނެވޭ ގޮތް ނުވެވުނު ކަމަށެވެ.

"މިއަދު އިރާދަ ކުރެއްވިއްޔާ ސައުދީ އަރަބިއްޔާގެ ހާރިޖިއްޔާއިން އަޅުގަނޑުމެންނަށް ވަނީ އެކަމާއި ބެހޭ ލިޔުން އައިސްފަ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަަނީ މިހާރު ހިނގަމުންދާ އޯލެވެލް އިމްތިހާނު ނިމޭ އިރަށް އެ ދަތުރުގެ ތާރިހު ހަމަޖެއްސުން އެއި ވަރަށް ގިން ޒުވާން ޚަތީބުން އޯލެވެލް އިމްތިހާނުގައި ބައިވެރިވަމުން އެބަ ގެންދަވާ."

ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ވަޒީރު ފާހަގަކުރެއްވިގޮތުގައި، ޑރ. ޔާސިރް އައްދައުސަރީއަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު އިމާމެކެވެ. އެ މަނިކުފާނަކީ މަސްޖިދުލް ޙަރަމްގެ އެންމެ ޒުވާން އެއް އިމާމެވެ.

ރާއްޖެއަށް މަސްޖިދުލްޙަރާމްގެ އިމާމަކު މިވަޑައިގަންނަވަނީ 43 އަހަރަށް ފަހުގައެވެ. އިސްލާމީ މަރުކަޒު ހުޅުވުމަށް، މަސްޖިދުލްޙަރާމްގެ އިމާމް މުޙައްމަދު އައްޒުބައިޔީ ރާއްޖެ ވަޑައިގެންނެވިއެވެ.