ކްރޮއޭޝިއާއާއެކު އޮތް ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގްޞަދުގައި ރާއްޖެއިން އެ ގައުމާއެކު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ހާރިޖީ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމްއެވެ. އަދި ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް، ގަރލިޗް ރަޑްމެން އެވެ.

ހާރިޖީ ވުޒާރާއިން ބުނީ މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު، ރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ދެ ގައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ވެސް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.