އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢޫތަކަށް އިންވެސްޓްކޮށް އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޔޫއޭއީގެ ނެޝެނަލް މެރިން ޑްރެޖިންގ ކޮމްޕެނީއާއެކު މަޝްވަރާކޮށް، އެމްއޯޔޫއެއްގައި ސޮއިކުރަން ނިންމައިފިއެވެ.
އެންއެމްޑީސީގެ އަބޫދާބީ ހެޑް އޮފީހުގަ ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއިން އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީގެ ޗެއަރ ޕާރސަން ސާދާ އިބްރާހިމާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި އެމްޓީސީސީގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެންއެމްޑީސީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އަދި ކުންފުނީގެ އިސްވެރިންނެވެ.
އެމްޓިސީސީން ބުނީ، މި ބައްދަލުވުމުގައި އެމްޓީސީސީއާއި އެންއެމްޑީސީއާ ދެމެދު ގުޅުން ބަދަހި ކުރެވިދާނެ ތަފާތު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، އަދި ދެ ކުންފުނީގެ މެދުގައި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށެވެ.
އެގޮތުން ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫއުތަކަށް އެންއެމްޑީސީން އިންވެސްޓް ކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ޑްރެޖިން ސަޕޯޓް އަދި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާއި، މުވައްޒިފުންނަށް ތަމްރީނު ހޯދުމަށް ޓްރޭނިންގެ އިތުރުން އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން އެމްޓީސީސީން މި މަޝްވަރާތަކަށް ރިޢާޔަތްކޮށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމަތި އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގެ 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.