ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު ހެދި އެއްބަސްވުން އުވާލައި އައްޑޫ ލިންކު ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް އިންޖިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.
މި މަޝްރޫއުގެ ދަށުން ޑީޓުއަރ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާއި ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް، ލިންކް ރޯޑްގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރުމަށް ވަނީ ކޮންޓްރެކްޓްކޮށްފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ގުޅުވައިދޭ މައި ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އާރުޑީސީއާ ކުރިން މި ޕްރޮޖެކްޓު ހަވާލުކުރީ 829.8 މިލިއަން ރުފިޔާއަށް ތިން އަހަރާއި 9 މަސްދުވަހުން ނިންމަން ޖެހޭ ގޮތަށެވެ. ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށީ 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.