ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު 15 މިލިއަނަށް ވުރެން ގިނަ ރުފިޔާގެ ތެރެއިން 6.6 މިިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްކްމޭގެ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 1584 ސްކޭމްގެ މައްސަލައެއް ފުލުހަށް ހުށްހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގެއްލުނު 15،067،763.83 ( ފަނަރަ މިލިއަން ފަސްދޮޅޮސް ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ އައޑިހަ ތިން ލާރި ގެ ތެރެއިން 6.6 މިލިއަން ރުފިތޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ. އެގޮތުން މިއީ 44 އިންސައްތައެވެ.

ސްކޭމްއާ ގުޅޭ ގޮތުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކަށް އަލި އަޅުވާލައްވަމުން ނަވީދު ވިދާޅުވީ، ފައިސާ ގެއްލުނު 852 ރައްޔިތަކަށް އެމީހުންގެ ފައިސާ އެއްކޮށް އަނބުރާ ރައްދުކޮށްދީފައިވާ ކަމަށާއި، އަދި އިތުރު 320 މީހެއްގެ ފައިސާގެ ބައެއް ވަނީ އަނބުރާ ހޯދާފައި ކަމަށެވެ.

" ރާއްޖޭގައި އެންމެ ގިނައިން މި ހިނގާ ސްކޭމްގެ ބާވަތަކީ، އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިން ވިޔަފާރިއެއްގެ ތެރެއިން ހޯދާ ހިދުމަތެއް ނުވަތަ މުދަލެއް ބަލައިގަތުމަށް މި ހިންގޭ މުއާމަލާތްތަކުގެ ތެރެއިން ހިނގާ ސްކޭމްތަކުގެ މައްސަލަތައް. އެންމެ ފުރަތަމަ އަޅުގަނޑު ވަކިން ހާއްސަކޮށް ހަމަފާހަގަ ކޮށްލާނަން އީ ކޮމާސް ސްކޭމްގެ ގޮތުގަ 1500 މައްސަލައިގެ ތެރެއިން 821 މައްސަލައަކީ މިބާވަތުގެ މައްސަލަތައްކަން"

އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު

ނަވީދު ފާހަގަކުރެއްވި ގޮތުގައި ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ތެރޭގައި ހިންގާ ކަރަންސީ އެކްސްޗޭންޖްގެ 244 މައްސަލަ ކަމަށްވާއިރު، މީސްމީޑިއާ އެކައުންޓްތައް ހެކްކޮށްގެންނާއި ޝަހުސު އޮޅުވާލައިގެން ހިންގި 213 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުނެއެވެ.

މީގެއިތުރުން، މުޅިން އަލަށް ފެނިގެން އުޅޭ "ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް" ގެ 80 މައްސަލައެއް ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައި ވާ ކަމަށް ވެސް ނަވީދު ވަނީ ބުނެފައެވެ.

މި މައްސަލަތައް ހުއްޓުވުމަށް އެޅި ފިޔަވަޅުތައް ފާހަގަ ކުރައްވައި ނަވީދު ވިދާޅުވީ، އޭގެތެރެއިން ފައިސާ ދައުރުކުރި 2,803 އެކައުންޓެއް 48 ގަޑިއިރަށް އަދި ކޯޓު އަމުރެއްގެ ދަށުން 530 އެކައުންޓެއް ތިން މަސް ދުވަހަށް ފްރީޒްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުގައި 53 މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމަށް 25 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން 4 މީހެއްގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާ ކަމަށް ވެސް ނަވީދު ވަނީ ވިދާޅުވެފައެވެ.