ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ކުޑަކުދިން ހަވީރެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު، ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށެވެ.
ހުޅުމާލެ ފުލުހުން ވަނީ އެންމެހާ ކުޑަކުދިންނާއި އާއިލާތަކުން އެ ހަވީރުގައި ބައިވެރިވުމަށް ދަޢުވަތު ދީފައެވެ.
އެގޮތުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން 6:00 އަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ސަރަހައްދުގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ހަވީރުގައި ކުޑަކުދިން ގަޔާވާނެ ގިނަ ކުޅިވަރުތަކާއި ތަފާތު އެކި މަޖާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. މިގޮތުން އެ އިވެންޓުގެ ތެރެއިން ކުޑަކުދިންނަށް ފުލުހުންގެ ޔުނީފޯމު ލައިގެން ފުލުހުންނާއެކު ފޮޓޯ ނެގުމާއި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ސައިކަލު ފަދަ އުޅަނދުތަކަށް އަރައި، އެ ތަކެތި ތަޖުރިބާކޮށްލުމުގެ ފުރުސަތު ކުޑަކުދިންނަށް ލިބޭނެ ކަމަށް ފުލުހުން ބުނެއެވެ..
މި ހަވީރުގެ ތެރެއިން ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި ގިނަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެތެރޭގައި ކުޑަކުދިން ދުއްވާ ނޫކުލައާއި ހުދުކުލައިގެ ކުޅޭ 2 ޖީޕު ކާރާއި، ހެލްމެޓުގެ އިތުރުން ވެސް ގިނަ އަދަދެއްގެ ހަދިޔާތައް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.