ދިވެހިން ބެލަރޫސްއަށް އަދި ބެލަރޫސްގެ ރައްޔިތުން ރާއްޖެއަށް، ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން އާންމުކޮށްފައިވަ ގޮތުގައި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ކަމަށްވީ އިރު ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރީޒެންކޯފްއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް އެއްވެސް ވިސާއަކާ ނުލައި ބެލަރޫސްއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެ ކަމަށް އެ ވުޒަރާއިން ބުނެއެވެ. އަދި ބެލަރޫސްގެ ރައްޔިތުންނަށް ވެސް ވިސާ ނެގުމަކާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ، އެއް އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާނޭހެން ވިސާއާ ނުލައި ހުރެވޭނެ އިންތިޒާމުވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ބޭފުޅުން ބޭއްވެވި މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ބެލަރޫސް ސަރުކާރުން ދެއްވާ އެއްބާރުލުމަށް ވަޒީރު އިރުތިޝާމް ވަނީ ޝުކުރު އަދާކުރައްވާ، މި ފަދަ އެއްބަސްވުމެއްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާވެ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.