ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރީ ރަނގަޅު ބަދަލެއް ނެތުމުން އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އެބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިތުރު ގޮތެއް ނުދައްކައި ކުރީ ސަރުކާރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޕްލާސްޓިކް ހޮޅި ފުރަތަމަ ވެސް މަނާކުރީ ކަމަށާއި އެގޮތަށް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް އައިހެން ހީނުވާ ކަމަށެވެ. އަދި ވަރަށްފަހުން ޕްލާސްޓިކް ހޮޅި މަނާކޮށްފައި އޮތް އޮތުން ބަދަލުކުރީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލުކުރަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ތަހުލީލުތަކުގައިވާ ގޮތުން ކަރުދާސްހޮޅި އުފެއްދުމުގައި ބޭނުންކުރާ ސަބްސްޓެންސެއްގައި ސިއްހަތަށް ނުރައްކާވާ ބައެއް މާއްދާތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ހޮޅިއަށްވެސް އަޅުގަނޑުމެންނަށް އަހާލެވިދާނެ ކަރުދާސްހޮޅިއެއްތޯ ނުވަތަ ޕްލާސްޓިކު ހޮޅިއެއްތޯ ނޫނީ ހޮޅި ނުލާތޯއޭ ބައްލަވާނީ.އެހެންވީމަ މީގަ އޮޕްޝަން އެބައޮތް މިކަމުގަ އަޅުގަނޑުމެން މީތި ހުޅުވާލީމަ ވަރަށް ގިނަ ބޭފުޅުން އެބަ ވިދާޅުވޭ ތީތީގަ މި ކޮންސާން އޮންނާތީވެ އަޅުގަނޑުމެންނަށް މާރަނގަޅޭ މީތީގަ ތުން ޖަހައިގެން ބޯންވެސް.އެހެންވީމަ އެ އޮޕްޝަންވެސް އެބައޮތް.އެހެންވީމަ އަޅުގަނޑުމެން މިބެލީ މީތީގަ މިއަށް ވުރެ ރަނގަޅު އޮޕްޝަން އޮވެދާނޭ."

އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް

މިނިސްޓަރު ވަނީ އެކި ރެސްޓޯރަންޓުތަކާއި ކެފޭތަކުގައި ވެސް ހުންނަނީ އެކި ފެންވަރުގެ ކަރުދާސް ހޮޅިކަން ފާހަގަކުރައްވާ، އެ އެތެރެކުރާ ހޮޅި އެއީ ކޮންކަހަލަ ކޮން ކޮލިޓީއެއްގެ ހޮޅިތޯ ބެލޭނެ ގޮތެއްވެސް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން ބޭންކޮށްފައި އޮތް އޮތުން އަލުން ހުއްދަކޮށް އެއް ލީޓަރާއި ބައި ލީޓަރާ ދެމެދުގެ ފުޅި މަނާކުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ފަސްކުރައްވަން ނިންމެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ވަނީ އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވާ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސައިލުން ކަމަށް ބުނެފައެވެ. އަދި އެކަށީގެންވާ ސަބަބެއްނެތި ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުން ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.