ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުުގެ ޕްރޮގްރާމަށް އެޗްޑީސީން ޗައިނާގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކުރާ "ގްރީން ނާސަރީ" މި އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްވަމުން ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން މިއަހަރުވެސް 1 މިލިޔަން ގަސް އިންދުމަށް އަމާޒުހިފާފައިވާއިރު މިހާތަނަށް ޖުމްލަ 2.3 މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި އަޅާ އެންމެ ފަހުގެ މޮޑަރން ނާސަރީގެ ފަހުގެ މައުލޫމާތު ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.

އެންމެފަހުގެ އެ ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. މިއީ 55،000 އަކަފޫޓަށް ވުރެއް ބޮޑު ސަރަހައްދެއްގައި ގާއިމުކުރާ ތަނެކެވެ. އެ ނާސަރީގައި ލެބޯޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެއެވެ.

ދެން ހަމައެގޮތަށް ހުޅުމާލޭގަވެސް އެޗްޑީސީއާވެސް ގުޅިގެން ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ ބޮޑު ނާސަރީއެއްގެ މަސައްކަތް މިހާރުވެސް އެތަނުގަ މަސައްކަތް އެބަ ކުރިއަށްދޭ ގާތްގަނޑަކަށް %30 މަސައްކަތް މިހާރުވެސް އެހުރީ ނިމިފަ.އެހެންވީމަ މި ނާސަރީއަކީވެސް މުސްތަގުބަލުގަ އެޗްޑީސީން މީގެ އޯނަޝިޕް ނަގައިގެން ކުރިއަށްގެންދާގޮތަށް ހަދާ ތަނެއް.

އެންވަޔަރަންމަންޓް މިނިސްޓަރު ޝަރީފް

އެގޮތުން މިހާތަނަށް އެ މަޝްރޫޢުގެ %30 މަސައްކަތް ނިމިފައިވާ ކަމަށާއި، އަމާޒަކީ މުޅި މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ނާސަރީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ސޮއިކޮށް، ފުރަތަމަ ބުރުގެ 10 ރަށުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު 9 ރަށުގެ ބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.