ލެޑް ސްކްރީންތަކުން ދަންވަރު އަޑުގަދަކޮށް އިޝްތިހާރު އެޅުވުން ހުއްޓުވަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ އާންމު ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް ވަނީ، މާލެ ސިޓީގެ މަގުތަކަށް ވާގޮތަށް ހަރުކުރާ އެލްއީޑީ (LED) ސްކްރީންތައް ހަރުކޮށް ބެލެހެއްޓުމުގައި އަމަލުކުރާނެ ހާއްސަ ގަވާއިދެއް އެކުލަވާލުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ރެގިއުލޭޓްރީ ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާފައެވެ.

ލަބާން ވިދާޅުވީ، މަގުމަތީގައި އެފަދަ ސްކްރީންތައް ހަރުކުރުމަކީ މިހާތަނަށް އެއްވެސް އުސޫލެއް އަދި ގަވާއިދެއް ނެތި ކުރެވެމުންދާ ކަމެއް ކަމަށެވެ.

މިހާރު އާންމުކޮށް މަގުތަކުގައި އެލްއީޑީ ސްކްރީންތައް ހަރުކުރަމުންދާތީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ހާއްސަ އުސޫލެއް އެކުލަވާލަންޖެހޭ"

މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް

މީގެ އިތުރުން، މި އުސޫލުގެ ތެރޭގައި އެލްއީޑީ ސްކްރީންތަކުގެ އަލިކަން ހުންނަންވީ މިންވަރާއި، އެ ތަކެތި ބެހެއްޓޭނެ އުސޫލުތަކާއި، އަދި ހަރުކުރެވޭ މިންގަނޑުތައް ބެލޭނެ ނިޒާމެއް ހިމަނަންޖެހޭ ކަން ފާހަގަކުރައްވާ ލަބާން ވަނީ، އެކަމާ ގުޅޭ އުސޫލު އެކުލަވާލުމަށްޓަކައި ރެގިއުލޭޓްރީ ކޮމިޓީއަށް މި މައްސަލަ ފޮނުވުމަށް އޭނާ ހުށަހަޅުއްވާފައެވެ.

މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެލްއީޑީ ބޯޑުތައް ބެހެއްޓުމުގެ ސަބަބުން، އޭގެ އަލިގަދަވެގެން ކައިރީގައި ހުންނަ ގޭގޭގެ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ދަންވަރުގެ ވަގުތުތަކުގައި އެލްއީޑީ ބޯޑުތަކުން އަޑުގަދަކޮށް އިޝްތިހާރުތައް އަޅުވާ މައްސަލައިގައި ވެސް އާންމުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް އެބަ އާދެ. އިންފާރަށް ބަދަލެއް ގެންނަ ކަމުގައިވީ ނަމަވެސް ކައުންސިލްގެ ހުއްދަ ހޯދުމަކީ ކުރަންޖެހޭ ކަމެއް، އެހެންވީމަ އިންފަރު މައްޗައްވެސް އެކަން އެބް ކުރޭ"

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

އެހެންކަމުން، މާލެ ސިޓީ ކައުންސިލުން މިހާރު ނިންމާފައިވަނީ ރެގިއުލޭޓްރީ ކޮމިޓީން މި މައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު، އެލްއީޑީ ސްކްރީންތައް ހަރުކުރުމާއި ބެލެހެއްޓުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކަށައެޅުމަށެވެ.