ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ގޮތުގައި، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް، ރޭ ދަންވަރު 00:44ގައި ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެމީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވާ ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު ދިވެހި ފުލުހުންގެ ހިދުމަތަށް ހަވާލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.