ސިނަމާލެ ބްރިޖްގައި ހިނގި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާއި ޙިއްސާކުރި މެސެޖެއްގައި ބުނީ، ސިނަމާލެ ބްރިޖް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 2:21 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖް އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި، 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވާ 21 އަހަރުގެ ފިރިހެން މީހާއަކީ، އެކްސިޑެންޓުވި 2 ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި، އަނިޔާވެފައިވާ 30 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އޭނާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.