މެންޓަލް އިލްނެސް ނުވަތަ ނަފްސާނީ ފަރުވާ، އަށް ހާއްސަކޮށްގެން ހުޅުމާލޭގައި 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން މާލީ ވުޒާރާއިން މިއަދު އިއުލާންކޮށްފިއެވެ.
މާލީ ވުޒަރާއިން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ، އެކަމަށް ޝައުގުވެރިކަން ހުރި ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ގެ ކުރިން ރަޖިސްޓްރީވުމަށް އެދިފައެވެ. އަދި ބިޑްގައި ބައިވެރިވުމަށް 1،500 ރުފިޔާ ނުވަތަ 100 ޑޮލަރު އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 864,000.00 ރުފިޔާ ދައްކަންޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެގޮތުން ބިޑު ހުށަހަޅަން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުއްދަތުދީފައިވާއިރު، ޖެހިގެން އަންނަ ދުވަހު އެ ބިޑްތައް ހުޅުވާނެ ކަމަށް އެ ވުޒަރާއިން މައުލޫމާތުދެއެވެ.
އެ ވުޒާރާއިން ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިމިވަނީ މާލެ ސަރަހައްދުގައި އެފަދަ ހޮސްޕިޓަލެއް އަޅާނެކަމަށް މިދިޔަ އޭޕްރީލް މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިއުލާން ކުރައްވާފައިވަނިކޮށެވެ.
ރައީސް ވަނީ، ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމައަށް 10،954 މީހުން އެ ބަލީގެ އެކި ފަރުވާތައް ހޯދާފައިވާ ކަން ފާހަގަކުރައްވައި، އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން ކަމަށް ވިދާޅުވެފައެވެ. އަދި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އިމާރާތް ކުރުމަކީ ވައުދަކަށް ވިޔަސް، އެކަން ކުރަން ނިންމާފައި އޮތީ ބޭރުގެ ލޯނު އެހީއެއް ހޯދައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، އެ އެހީ ހަމަޖައްސަން ގިނަ ދުވަސް ހޭދަވާތީ، ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެ މަސައްކަތް އަވަސްކުރަން ނިންމީ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.