ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދެ ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދޭދޭ މަސްލަޙަތު ކުރިއެރުވުމަށް އެ ގައުމުގެ ބޮޑުވަޒީރާއެކު މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް، ބަނގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤު ރަޙްމާނާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވަނީ، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ބަނގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބަނގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ މި ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ، ގާތް، ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދޭދޭ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ނައިބު ރައީސް ވަނީ، ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާއެކު، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަނގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤު ރަޙްމާނު ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް އަރިސްކުރެއްވި ތަހުނިޔާއާއި ހެޔޮއެދުންތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މަންސަތަކުގައި، ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، ބަނގްލަދޭޝްގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދޭދޭ މަސްލަޙަތު ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަންވެސް ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.