އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތު ބަދަލުކުރުމާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނިމިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރުގައި ތައާރަފުކުރެވުނު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތުގެ މުހިންމު ބައިތަކެއް ބަދަލުކޮށް، ޕްލާސްޓިކް ހޮޅި ހިމެނޭގޮތަށް ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ނިންމި ނިންމުމާމެދު އެމްޑީޕީން ނުހަނު ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ، މި ސިޔާސަތުގެ ދަށުން ޕްލާސްޓިކް ހޮޅި ހިމެނޭހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބައެއް ޕްލާސްޓިކްގެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް އަމަލުކުރަން 2021 ވަނަ އަހަރުގެ ޖޫން މަހު ފަށާފައިވުމާއެކު، މިކަން ތަންފީޒުކުރަމުންދާތާ މިހާރު ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ފަހުގެ އެ ނިންމުމަކީ، އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވަނިކޮށް، ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ސިޔާސަތާއެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނިބުނި ފެންނަ މިންވަރުވެސް ވަރަށް ބޮޑަށް ކުޑަވެފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، މިފަދަ ބަދަލުތަކެއް ގެނެސްފައިވަނިކޮށް، އެކަށީގެންވާ ސަބަބެއް، ހުއްޖަތެއްނެތި ސިޔާސަތު ބަދަލުކުރުމަކީ ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިކަމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކަކީވެސް އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށާއި، މިފަދަ ބަދަލެއް ގެންނަން ޖެހުނީ ކީއްވެގެންކަން، ނުވަތަ އެހެނިހެން ގަވާއިދުތަކުގެ ތެރެއިން މިކަން ހައްލުކުރެވެން ނެތީ ކީއްވެގެންކަން، ނުވަތަ 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރަން ޖެހުނު ސަބަބު ސާބިތުކޮށްދޭނެ ދިރާސާއެއް ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން ތިމާވެއްޓާ ގުޅޭގޮތުން ރާއްޖެއިން ވެފައިވާ ވައުދުތައް ތަކުރާރުކޮށް ފަސްކުރުމަކީ، މުސްތަޤުބަލުގައި ތިމާވެށީގެ ގަވާއިދުތަކަށް ބޯލެނބުމަށް ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ކުޑަވެގެންދާނެ ކަމެކެވެ. އަދި ތިމާވެށީގެ ރޮނގުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރާ މަސައްކަތަށް ކުރާ ގޯނާއެއް ކަމަށާއި އަދި ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ކުރާ ފުރައްސާރައެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރާއްޖެއިން ކުރިއަށްދާންވީ ތިމާވެށި ހިމާޔަތް ކުރުމުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ މަތިވެރި އަޒުމުގައި ނަމޫނާ ދައްކާ ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންދިޔަ ދައުރު އަލުން އަދާކުރަން ފަށަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްޑީޕީން ވަނީ ދެން އަންނަ އެ ޕާޓީގެ ސަރުކާރެއްގައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް އަލުން އަމަލުކުރަން ފަށައި، އެ ސިޔާސަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ އެހެނިހެން ތަކެއްޗަށް އެކަށީގެންވާ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފެތުމަށް ވިޔަފާރިތަކަށް އެހީތެރިވެދީ، ޕްލާސްޓިކް ކުނިބުނި އުފައްދާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ކުނި މަދުކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރާނެ ކަމަށްވެސް ބުނެފައެވެ.