ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، "ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުން ހިންގާ މި މަޝްރޫއުގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއް އަދި މަސް ޕްރޮސެސްކުރާނެ ހާއްސަ ސަރަހައްދަކާއި ކޮމްޕްރެސަރ ރޫމެއް ހެދުމައް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލްވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްގީކޮށް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވެއެވެ.
ހިރިލަންދޫގައި މަހުގެ އެކި އުފެއްދުންތައް ތައްޔާރު ކުރަމުންދާއިރު، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ މިހާރު ބޭނުންތެރިވެފައިވާ ކަމެއް ކަމަށް މަސްވެރިިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
1,146 މީހުންގެ އާބާދީއެއް އޮތް ހިރިލަންދޫއަށް ދުވާލަކު 30 ޓަނުގެ މަސް އެ ރަށަށް ބާލާއިރު، މަސްވެރިކަން ރަނގަޅު މޫސުންތަކުގައި މި އަދަދު 50 ޓަނަށްވުރެ މައްޗަށް އަރައެވެ. އެ ރަށުގެ 10 އަށްވުރެ ގިނަ ފަރާތަކުން އަންނަނީ މަސް ކެއްކުމާއި، ހިއްކުމާއި، އަދި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރަމުންނެވެ.
އެހެންކަމުން މަސް ބާނާ ވަގުތުން ފެށިގެން އޭގެ ތާޒާކަން ގެއްލުނަނުދީ ގިނަ ދުވަހު ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހުމުގެ ސަބަބުން، މަސް ކައްކާ ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބި، ބާނާ މަސް އުކާލަން ނުޖެހި، ރައްކާކުރެވޭނެ ނިޒާމެއް ގާއިމުވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއްކަން މަސްވެރިިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.