"ވަރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026" ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ބުނީ، ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ޝަރަފުވެރި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަފުލާގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ހަފްލާ އެންމެފަހުން ރާއްޖޭގައި ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.
މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، މި ދާއިރާގެ އިންވެސްޓަރުންނާއި، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ބައިވެރިވާނެއެވެ.
ބީއެމްއެލް އާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބީއެމްއެލްއަށް ފަހިވެގެންދާނެއެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެއް ކަމަށް ބީއެލްއިން ބުނެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ހަފްލާ ބާއްވަނީ މިމަހުގެ 27ގައި، ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
1993 ވަނަ އަހަރު ދޭން ފެށި، މި ޝަރަފުވެރި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު އެވޯޑެކެވެ.