ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 13 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން އެޗްޕީއޭއިން ހާމަކުރި އަދާހަމައިގައިވާ ގޮތުން މިހާތަނަށް 16،423 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ. އަދި މި އަހަރު މިހާތަނަށް ހިމަބިހީގެ 282 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.

މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭއިން ވަނީ ބަލިތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ފޯރުކޮށްދޭ މައުލޫމާތުތަކަށް ބަރޯސާވުމަށް އިލްތިމާސްކޮށްފައެވެ.